ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން ކޯޓުތަކުން ޢަމަލުކުރަންވީ ގޮތުގެ ޢާންމު އިރުޝާދުތައް ސުޕްރީމް ކޯޓުން ޢާންމުކޮށްފި

18 މާރިޗު 2020   ޚަބަރުތައް  

ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން ކޯޓުތަކުން ޢަމަލުކުރަންވީ ގޮތުގެ ޢާންމު އިރުޝާދުތައް ސުޕްރީމް ކޯޓުން ޢާންމުކޮށްފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ޕެންޑަމިކްއާ ގުޅިގެން 30 ދުވަހުގެ މުއްދަތަށް އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަންވީ ގޮތުގެ ޢާންމު އިރުޝާދުތައް މިއަދު ޢާންމުކޮށްފިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2020/02/SC (17 މާރިޗު 2020) އިން ޢާންމުކުރައްވާފައިވާ ސަރކިއުލަރގައި، ކޯޓުތަކުން މީސްމީހުންނަށް އަންގާ އެންގުންތައް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް އެންގުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ކޮންމެހެން ކޯޓުގެ ސަރަޙައްދުގެ ތެރެއަށް ވަންނަން ޖެހޭ މީހުން، އެހެން މީހުންނާ ކޯޓުގެ ތެރޭގައި ގައިގޯޅި ނުވާނޭހެން އިންތިޒާމްތައް ހަމަޖެއްސުމަށް ވަނީ އިރުޝާދުދެއްވާފައެވެ.
މިގޮތުން، ކޯވިޑް-19 އާ ގުޅިގެން ރީނދޫ އެލަރޓް، އޮރެންޖް އެލަރޓް އަދި ރަތް އެލަރޓް އިޢުލާންކޮށްފައި އޮންނަ ޙާލަތުގައި ކޯޓުތަކުން ޢަމަލުކުރާނެ ޢާންމު އިރުޝާދުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ.