ޑޮކްޓަރ މުޙައްމަދު އިބްރާހީމް

(08 ސެޕްޓެންބަރު 2020 އިންފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

ޑޮކްޓަރ މުޙައްމަދު އިބްރާހީމް

09 އެޕްރީލް 1975 ވަނަ އަހަރު ހދ. ކުޅުދުއްފުށްޓަށް އުފަންވެ ވަޑައިގެންނެވި ޑރ. މުޙައްމަދު އިބްރާހީމް ބެޗްލަރ އޮފް އާރޓްސް (އޮނަރސް) އަދި ބެޗްލަރ އޮފް ލޯސް (އޮނަރސް) ޙާޞިލުކުރެއްވީ ޕާކިސްތާނުގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އިންނެވެ. އަދި އެ މަނިކުފާނު ވަނީ 2007 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބަކިންގހަމް އިން އިންޓަރނޭޝަނަލް އަދި ކޮމާޝަލް ލޯގެ ދާއިރާއިން މާސްޓަރ އޮފް ލޯސް ޙާޞިލުކުރައްވައި، 2017 ވަނަ އަހަރު މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން ޑޮކްޓަރ އޮފް ފިލޯސޮފީ (އިސްލާމިކް ކޮމާޝަލް ލޯ) ގެ ދާއިރާއިން ޙާޞިލުކުރައްވާފައެވެ.  
ޑރ. މުޙައްމަދު އިބްރާހީމް އަކީ މެލޭޝިޔާގެ ޗާރޓަޑް އިސްލާމިކް ފައިނޭންސް ޕްރޮފެޝަނަލްގެ ސީނިއަރ އެސޯސިއޭޓް މެންބަރެކެވެ.
ފަނޑިޔާރު ޑރ.މުޙައްމަދު އިބްރާހީމަކީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 16 އަހަރު ވަންދެން ވިޔަފާރިއާއި މާލީ ދާއިރާގެ ޤާނޫނީ މައްސަލަތަކުގައި ލަފާދެއްވައި ޕްރީމިއާ ޗެމްބާރސް-ބެރިސްޓާރސް އެންޑް އެޓަރނީސްގެ މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހިރައްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމަށް އައްޔަން ކުރެވުނު އިރު އެމަނިކުފާނު ހުންނެވީ އެލޯފާރމުގެ  ޕާޓްނަރެއްގެ ގޮތުގައެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވަނީ ސަރުކާރުގައިވެސް ޤާނޫނީ ދާއިރާގެ ވަޒީފާތައް އަދާކުރައްވާފައެވެ. އޭގެތެރޭގައި މިނިސްޓްރީ އޮފް އެޓޯލްސް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑިރެކްޓަރ އޮފް ލީގަލް އެފެއާޒްގެ މަޤާމު ފުރުއްވިއެވެ. އެ މަނިކުފާނު މި މަގާމުތަކުގައި މަސައްކަތްކުރެއްވިއިރު، ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ޤާނޫނީ އޮނިގަނޑާއި، ޖަލުތަކާއި ޕެރޯލް ނިޒާމާއި އަދި ކްލެމެންސީ ދިނުމުގެ ޤާނޫނީ ނިޒާމު ތަޢާރަފްކުރުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަކީ ސަރުކާރުގެ އެކިއެކި ބިލުތަކުގެ ދެލި ކޮޕީ ތައްޔާރުކުރުމުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އެ މަނިކުފާނު އެންމެ ފަހުން ޑުރާފުޓުކޮށްފައިވަނީ ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލުގެ ދެލި ކޮޕީ އެވެ.  
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ވަނީ ދިވެހިރާއްޖޭގެ ހިންގާ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވައިދެއްވުމާއި، ޤާނޫނީ ދާއިރާއިން އެކި އެކި ދިރާސާތައް ހެއްދެވުމުގައި ޢަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑޔާރެއްގެ ގޮތުގައި އައްޔަންކުރެވުނު އިރު އެ މަނިކުފާނު ހުންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރަކަށެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކުގެ ތެރޭގައި ބުއަންގ، އޭ.އެޗް އެންޑް އިބްރާހިމް. އެމް (2018) "ބޭންކިންގ އެންޑް ފައިނޭންސް ލޯސް އިން ދަ މޯލްޑިވްސް އެންޑް ދަ އިމްޕެކްޓް އޮފް ޝަރީޢާ" ޖާނަލް އޮފް އިންޓަރނޭޝަނަލް ބޭންކިންގ ލޯ އެންޑް ރެގިއުލޭޝަން، 33(8),279-285 އާއި، އިބްރާހިމް، އެމް.، އެންޑް ބުއަންގ، އޭ. އެޗް (2018) އިބްރާހިމް، "މޯލްޑިވިއަން ލީގަލް ސިސްޓަމް: އިސްލާމިކް އިންފުލުއެންސް އެންޑް ލީގަލް ރިފޯމް" ޖާނަލް ޝަރީޢާ، 26(1), 71-98 އާއި، އިބްރާހީމް، އެމް. އެންޑް އަހްމަދު ހިދާޔަތު ބުއަންގ "އެކޮމޮޑޭޓިންގ އިސްލާމިކް ޓެނެޓްސް ވިތް ލެސަންސް ލާންޓް ފްރޮމް މުސްލިމް ވޯލްޑް އިން މޯލްޑިވްސް ކޮމާޝަލް ލޯސް: އަ ލިޓްރޭޗަރ ރިވިއު" ޖާނަލް އޮފް ޝަރިޢާ ލޯ ރިސަރޗް 1، ނަންބަރު 1 (2015) އަދި އިބްރާހިމް، އެމް. އެންޑް އިރުޝާދުލް ކަރީމް "ރިސަރޗް ގައިޑް ޓު ދި ލީގަލް ސިސްޓަމް އޮފް މޯލްޑިވްސް" ހޯސަރ ގްލޯބަލް ލޯ ސްކޫލް ޕްރޮގްރާމް، ނިއު ޔޯކް ޔުނިވަރސިޓީ، ގްލޯބަލްލެކްސް، ޔޫ.އެސް.އޭ. 2013 ހިމެނެއެވެ.
ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަ ދެއްކުމުގެ އިތުރުން ޑޮކްޓަރ މުޙައްމަދު އިބްރާހީމް އަކީ އިނގިރޭސި، އަރަބި، އަދި އުރުދޫ ބަހުންވެސް ފަރިތަ ކަމާއެކު ވާހަކަ ދައްކަވާ ބޭފުޅެކެވެ.