ސުޕްރީމް ކޯޓުގެ އިޚްތިޞާޞް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ނުވަތަ ޤާނޫނުގައި ހަމައެކަނި ސުޕްރީމް ކޯޓަށް ބެލޭނެކަމަށް ކަނޑައެޅިފައިވާ މައްސަލަތައް:
· ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމުގެ ޝަރުޠު މީހެއްގައި ހަމަވޭތޯ ނުވަތަ މެންބަރަކު މަޤާމުން ވަކިކުރަންޖެހިއްޖެތޯ ބެލުމުގައި ނުވަތަ މެންބަރުކަމުގެ ގޮނޑިއެއް ހުސްވެއްޖެކަމާމެދު ޚިލާފެއް އުފެދިގެން އެކަމުގައި ގޮތެއް ކަނޑައެޅުމަށް ހުށަހަޅާ މައްސަލަތައް.
· ޤާނޫނުއަސާސީގެ 113 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ކުރިމަތިލާ މީހެއްގައި ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނާނޭކަމަށް އިޢުލާންކުރެވޭ މީހެއްގައި ހުންނާންޖެހޭ ޝަރުޠުތައް ފުރިހަމަވާކަމާ މެދު، ނުވަތަ ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބު ކުރުމުގައި ދިމާވާ ކަމަކާމެދު ނުވަތަ ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުމަކާމެދު އެއްވެސް ޚިލާފެއް އުފެދިގެން އެކަމެއް ވަކިގޮތަކަށް ނިންމުމަށްޓަކައި ހުށަހަޅާ މައްސަލަތައް.
· ޤާނޫނުއަސާސީގެ 258 ވަނަ މާއްދާގެ ދަށުން، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާ ޤަރާރުގެ ނުވަތަ އެ ޤަރާރުން ބައެއްގެ ޞައްޙަކަމާމެދު ނުވަތަ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ހަދާ ޤާނޫނަކާމެދު، ނުވަތަ ނެރޭ އަމުރަކާމެދު ސުވާލުއުފެދިއްޖެ ޙާލަތެއްގައި އެކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅޭ މައްސަލަތައް.

ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް
އަންނަނިވި ސިފަތައް ލިބިގެންވާ ދުސްތޫރީ މައްސަލަތައް އެއީ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞް ލިބިގެންވާ މައްސަލަތަކެވެ.
· އެ މައްސަލައަކީ ޤައުމު ދުސްތޫރީ ހުސްކަމަކަށް ހިނގައިދާނެ ނުވަތަ ދުސްތޫރީ ނިޒާމުން ބޭރުވެދާނެފަދަ ޤާނޫނީ ސަބަބުތަކެއް އެކުލެވިގެންވާ މައްސަލައަކަށްވުން؛ ނުވަތަ
· ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި ނުވަތަ ދެ ބާރެއްގެ ދެމެދުގައި ޤާނޫނޫއަސާސީ މާނަކުރުމާގުޅޭގޮތުން އުފެދޭ މައްސަލައަކަށްވުން؛ ނުވަތަ
· ޤައުމުގެ ޢާއްމު މަސްލަޙަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަ އަކަށްވުން

އިސްތިއުނާފުކުރާ މައްސަލަތައް:
· ހައިކޯޓުން ނިންމާފައިވާ ނިންމުމެއް ޤާނޫނުއަސާސީއާއި ޝަރުޢީ އުޞޫލަކާއި ނުވަތަ ޤާނޫނަކާއި ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހެދިފައިވާ ޤަވާޢިދަކާ ޚިލާފުކަމަށް ފާހަގަކޮށް، ސުޕްރީމް ކޯޓުގެ ހުއްދައާއިއެކު މަޞްލަހަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް.   
· ހައިކޯޓުގެ ނިންމުން ނިންމިތާ 60 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ވާނެއެވެ. އެގޮތުން މި މުއްދަތު ގުނާނީ ހައިކޯޓުން މައްސަލައިގެ ޙުކުމްކުރި ދުވަހާއި މުއްދަތު ހަމަވާ ދުވަހާއި އެދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައެވެ.
· އަމިއްލަ ބާރު ނުފޯރާފަދަ ކަމެއް މެދުވެރިވެގެން މަތީގައި ބަޔާންކުރެވިފައިވާ މުއްދަތުގައި ހުށަނޭޅޭ މައްސަލަތައް. އެފަދަ މައްސަލައެއް ހުށަނޭޅުނުކަމަށް ބަޔާންކުރާ ސަބަބަކީ ސުޕްރީމް ކޯޓަށް ޤަބޫލުކުރެވޭ ސަބަބެއް ކަމުގައިވާނަމަ މުއްދަތު ފާއިތުވުމަށް ފަހުގައިވެސް އެ މައްސަލައެއް ބަލައިގަތުމުގެ އިޚްތިޔާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.
· މި މުއްދަތުގައި މައްސަލަ ހުށަނޭޅުނީ މަތީގައި ބަޔާންކުރެވިފައިވާ ޙާލަތެއް މެދުވެރިވެގެންކަން ސާބިތުކޮށްދިނުމަކީ ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.

އިސްތިޝާރީ ލަފާ
· ޤާނޫނުގައި ކަން އޮތްގޮތާމެދު އުފެދޭ މުހިންމު ސުވާލުތަކާމެދު ނުވަތަ ޤާނޫނީ ގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރަކުން ޤާނޫނުއަސާސީގެ 95 ވަނަ މާއްދާގެ ދަށުން ހުށަހަޅާ މައްސަލަތަކާމެދު އިސްތިޝާރީ ލަފާދިނުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ޤާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ޤާނޫނެއް ޞައްޙަކަމާމެދު އުފެދޭ ސުވާލުތައް ހިމެނެއެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞް
ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ނ) އަދި (ރ) އާއި، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، ހިނގަ ހިނގާ ހުންނަ ޝަރީޢަތްތަކާ ގުޅިގެން އުފެދޭ ޝަކުވާތަކަށް އަވަސް ޙައްލެއް ހޯދައި ދިނުމަށާއި، ބެލެނިވެރިކަމުގެ އިޚްތިޞާޞް ގެ ދަށުން ދިވެހިރާއްޖޭގައި ޢަދުލް އިންޞާފު ޤާއިމުކުރުން ކަށަވަރުކުރުމަށްޓަކައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓަކުން އެ ކޯޓަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓެއްގައި ހިނގާ އިޖުރާއަކާ ގުޅިގެން ތިރީގައި ބަޔާންކުރެވިފައިވާ ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވެއެވެ.
· ދަށު މަރުޙަލާއެއްގެ ކޯޓެއްގައި ހިނގާ ޝަރީއަތެއް ނުވަތަ އިޖުރާއާތެއްގެ މަޢުލޫމާތު ސާފުކޮށްދިނުމަށް އެ މައްސަލައެއްގެ ފައިލު ފޮނުވުމަށް ދަށު މަރުޙަލާގެ ކޯޓަށް އެންގުން.
· މަތީގައި ބަޔާންކުރެވުނު އިޖުރާއާ ބެހޭގޮތުން ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު އެމައްސަލައާގުޅޭ ދަށު މަރުޙަލާގެ ކޯޓަށް ދިނުން.
· މިފަދަ މައްސަލައަކާމެދު އަމުރެއް ނެރުމަށް ފެންނަނަމަ، ތިރީގައި ބަޔާންކުރާފަދަ އަމުރެއް ނެރުން
1. މަތީ މަރުޙަލާއެއްގެ ކޯޓެއްގައި ބަލަމުންގެންދާ މައްސަލައެއްގައި އެ ކޯޓަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ނުވަތަ ޢާއްމު އިދާރާއަކަށް ރެކޯޑެއް ނުވަތަ މަޢުލޫމާތެއް ދިނުމަށް ނެރޭ ސަރޝިއަރީ ޢަމުރު.
2. ޤާނޫނާ ޚިލާފަށް ތިމާ ނުވަތަ އެހެންމީހަކު ހައްޔަރު ކުރެވިފައިވާކަމަށް ބުނެ ހައްޔަރުން ވީއްލުމަށް އެދި ހުށަހަޅާ މައްސަލައެއްގައި، ހައްޔަރުކުރެވިފައިވާ މީހާއާއި ހައްޔަރުކުރި ފަރާތް ހާޟިރުކޮށް، ހައްޔަރުކުރުމުގެ ބާރު ޤާނޫނީ ގޮތުން އޮތްކަމާއި، ހައްޔަރުކުރުމުގައި ޢަމަލުކޮށްފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދިނުމަށް ކޯޓުން އަންގައި، އެކަން ސާބިތުކޮށްނުދެވިއްޖެނަމަ ހައްޔަރުކުރެވިފައިވާ މީހާ ދޫކޮށްލުމަށް ނެރޭ ހެބިއަސް ކޯޕަސް އަމުރު.
3. ދަށު މަރުޙަލާގެ ކޯޓަކަށް ނުވަތަ ސަރުކާރުގެ މުވައްޒަފަކަށް ނުވަތަ ދައުލަތުގެ ޢާއްމު މުއައްސަސާއަކަށް ނުވަތަ އިދާރާއަކަށް ނުވަތަ މުވައްޒަފަކަށް ޤާނޫނީ ގޮތުން ކުރުން ލާޒިމްވާ ވަކިކަމެއް ނުވަތަ ވަކި ކަންތައްތަކެއް ޤާނޫނާ އެއްގޮތަށް އަދާކުރުމަށް ނުވަތަ އެފަދަ ފަރާތެއްގެ މައްޗަށް ޤާނޫނަކުން މަނާކުރާ ވަކިކަމެއް ނުވަތަ ވަކި ކަންތައްތަކެއް ނުކުރުމަށް ނެރޭ މެންޑާމަސް އަމުރު.
4. ދަށު މަރުޙަލާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކީ އެ ކޯޓުގެ އިޚްތިޞާޞް ނެތް މައްސަލަތަކަށްވާ ނަމަ، ނުވަތަ މައްސަލައެއް ބެލުމުގެ ތެރޭގައި، އެ ކޯޓެއްގެ އިޚްތިޞާޞްއިން ބޭރުވެއްޖެނަމަ، އެ މައްސަލައިގައި އިތުރު ފިޔަވަޅެއް އެ ކޯޓަކުން ނޭޅުމަށް އަންގާ ރިޓް އޮފް ޕްރޮހިބިޝަން.