The Chief Justice left for India to attend the "International Trade Law and Legal Aspects of Trans-Border Investment" conference"އިންޓަރނޭޝަނަލް ޓްރޭޑް ލޯ އެންޑް ލީގަލް އެސްޕެކްޓްސް އޮފް ޓްރާންސް-ބޯޑަރ އިންވެސްޓްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އުއްތަމަ ފަނޑިޔާރު އިންޑިޔާއަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ރަސްމީ ދަތުރުފުޅެއްގައި އިންޑިޔާގެ ނިއުދިއްލީއަށް ފުރާވަޑައިގަންފިއެވެ. މިދަތުރުފުޅަކީ އިންޓަރނޭޝަނަލް ލޯ އެސޯސިއޭޝަންގެ އިންޑިއާގައި ހުންނަ ރީޖަނަލް ބްރާންޗްގެ ފަރާތުން އިންތިޒާމްކޮށްގެން މިމަހު 19 ން 20 އަށް އިންޑިއާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ޓްރޭޑް ލޯ އެންޑް ލީގަލް އެސްޕެކްޓްސް އޮފް ޓްރާންސް-ބޯޑަރ އިންވެސްޓްމަންޓް" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ. މިކޮންފަރެންސްއަކީ ޤައުމުތަކުގެ ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުންނާއެކު އިންޓަރނޭޝަނަލް ޓްރޭޑްއާބެހޭ ޤާނޫނާއި އަދި ފޮރިން އިންވެސްޓްމަންޓާއި ގުޅޭ ގޮތުން މިހާރު ބައިނަލް އަޤްވާމީ މަސްރަހުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވޭ ކޮންފަރެންސްއެކެވެ. މިކޮންފަރެންސްގައި މަޝްވަރާކުރުމަށް ރާވާފައިވާ މުހިއްމު މައުޟޫޢުތަކުގެ ތެރޭގައި އިންޓަރނޭޝަނަލް ޓްރޭޑް އޮބްލިގޭޝަންތަކާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއި ހުރި ގުޅުން ހިމެނެއެވެ. މިދަތުރުފުޅުގައި އިންޑިޔާގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ކޭ.ޖީ. ބާލަކްރިސްނަންއާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އެންމެ ޒަމާނީ އަދި ދުނިޔޭގެ ފެންވަރުގެ ޝަރުޢީ ދާއިރާއަކަށް ހެދުމަށް ބައިނަލް އަޤުވާމީ މުޖުތަމަޢުއިން ބޭނުންވާ އެއްބާރުލުން ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވާހިނދު މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާއި އެހެން ޤައުމުތަކުގެ ޝަރުޢީ ދާއިރާއާ ގުޅުން ބަދަހިވެ ބޭނުންވާ އެއްބާރުލުން ލިބުމަށް މިދަތުރުފުޅުގެ ސަބަބުން މަގުފަހިވެގެންދާނެއެވެ.
