The Chief Justice of the Maldives, Uz. Abdulla Saeed, has left for an official trip to Tehran,Iranދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އިރާނުގެ ތެހެރާނަށް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އިރާނުގެ ތެހެރާނަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ 02:30 ގައި ފުރާވަޑައިގެންފިއެވެ. މިދަތުރުފުޅަކީ، އިރާންގެ ޗީފް އޮފް ދި ޖުޑިޝަރީ ސައްޔިދު މަޙުމޫދު ހާޝެމީ ޝާހްރިޔުދި ދެއްވާފައިވާ ދަޢުވަތަކަށް "ކޮންފަރެންސް އޮފް މުސްލިމް ކަންޓްރީޒް ޕްރޮސެކިއުޓަރސް ވިތް ޕާޓިސިޕޭޝަން އޮފް ޕްރޮމިނެންޓް ޖުޑިޝަލް އެންޑް ލީގަލް ޕަރސަނަލިޓީސް" ގައި ބައިވެރިވެވަޑައި ގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމަކީ، އިސްލާމީ ދުނިޔޭގެ ޖުޑިޝަރީތަކުގެ އިސްބޭފުޅުންނާއި ޕްރޮސެކިއުޝަންގެ ދާއިރާގައި ހަރަކާތްތެރި ވެވަޑައިގަންނަވާ އިސްވެރިންގެ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުމުގެ މަޤްސަދަކީ އިސްލާމީ ޖުޑިޝަރީތަކުގެ މެދުގައާއި ޕްރޮސެކިއުޝަންގެ ދާއިރާގައި އެއްބާރުލުން ޤާއިމްކޮށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޖިނާއީ ޢަދުލުގެ ނިޒާމް ހަރުދަނާކުރުމެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި އިސްލާމީ ދުނިޔޭގެ ޖުޑިޝަރީތަކުގައި ކެޕޭސިޓީ އިތުރުކުރުމާއި ފަންނީ ބޭފުޅުން ތަމްރީންކުރުން ފަދަ ކަންކަމުގައި އެއްބާރުލުން ޤާއިމްކުރުމާބެހޭ ކަންތައްތައް ރާވައި އެކަށައެޅުން ހިމެނެއެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ދާއިރާ ހަރުދަނާކޮށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުއާހަދާތަކާ ފުށުނާރާނޭ ގޮތުގެ މަތިން ރާއްޖޭގެ ޢަދުލުއިންސާފު ޤާއިމިކުރުމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ބޭނުންވާ އެއްބާރުލުމާބެހޭ ގޮތުން އިސްލާމީ ޤައުމުތަކުގެ ޖުޑިޝަރީގެ އިސްބޭފުޅުންނާއެކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މަޝްވަރާކުރަށްވާނެއެވެ.
