The Monetary Authority of Maldives and the Supreme Court jointly conducted a seminar on the business of finance leasing for judges under the IFC's South Asia Enterprise Development Facility.މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ސުޕްރީމް ކޯޓު ގުޅިގެން އައި.އެފް.ސީ ގެ ސައުތު އޭޝިއާ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ފެސިލިޓީގެ ދަށުން ފަނޑިޔާރުންނަށް ފައިނޭންސް ލީސިންގގެ ވިޔަފާރިއާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރއެއް މިއަދު ހިންގިފައިވެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ސުޕްރީމް ކޯޓު ގުޅިގެން އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައި.އެފް.ސީ)ގެ ސައުތު އޭޝިއާ އެންޓަރޕްރައިސް ޑިވެލޮޕްމަންޓް ފެސިލިޓީގެ ދަށުން ފަނޑިޔާރުންނަށް ފައިނޭންސް ލީސިންގގެ ވިޔަފާރިއާއި ބެހޭ މަޢުލޫމާތު ދިނުމުގެ ސެމިނާރއެއް މިއަދު ހިންގިފައިވެއެވެ. މި ސެމިނާރގައި މަޢުލޫމާތު ދެއްވާފައިވަނީ އައި. އެފް. ސީގެ ބޭފުޅެއް ކަމުގައިވާ މިސް އޮލާ ނޯރއެވެ. ސެމިނާރ އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރނަރ އަލްފާޟިލާ ޢާއިޝަތު ޒާހިރާއެވެ. ސެމިނާރ އިފްތިތާޙް ކޮށްދެއްވުމަށްފަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މި ސެމިނާރއަކީ ޝަރުޢީ ދާއިރާގެ އެންމެހައި ފަނޑިޔާރުންނާއި ޤާޟީންނާއި މެޖިސްޓްރޭޓުން އަދި ވަކިން ޚާއްސަކޮށް މަދަނީ ޝަރީޢަތްތައްކުރައްވާ ފަރާތްތަކަށް ވަރަށް ބޭނުންތެރި ސެމިނާރއެއް ކަމުގައެވެ. އަދި މީގެ އިތުރުން ވިދާޅުވެފައިވަނީ ފައިނޭންސް ލީސިންގފަދަ އިޤްތިސާދީ މުހިންމު މަޢުޟޫއަކަށް ޚާއްސަކޮށްގެން ރާއްޖޭގައި ޝަރީޢަތްކުރައްވާ ބޭފުޅުންނަށް މަޢުލޫމާތު ދެވޭގޮތް ވުމަކީ ޝަރުޢީ ނިޒާމް އަލުން އިންތިޒާމް ކުރެވި އާމަރުޙަލާއަކަށް ގެންދިއުމަށް މަސައްކަތްކުރެވޭ ދަނޑިވަޅެއްގައި މިދާއިރާގެ އިންސާނީ ވަޞީލަތްތައް މުއްސަނދި ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައެވެ. މި ސެމިނާރގައި ބައިވެރިވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންނާއި މާލޭ ކޯޓުތަކުގެ އިސްޤާޟީންނާއި މަދަނީ ކޯޓުގެ ޤާޟީން އަދި އަތޮޅުތަކުން އިސް މެޖިސްޓްރޭޓުންނާއި މެޖިސްޓްރޭޓުންނެވެ.
