މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް 2023 ގައި ބައިވެރިވެވަޑައިތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

16 މާރިޗު 2023   ޢާއްމު , ޚަބަރުތައް  

މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް 2023 ގައި ބައިވެރިވެވަޑައިތުމަށް ރާއްޖެ ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ފަނޑިޔާރުން އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

 

މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް 2023 ގައި ބައިވެރިވެވަޑައިތުމަށް ރާއްޖެވަޑައިގަންނަވާފައިވާ ނޭޕާލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އޮނަރަބަލް ޖަސްޓިސް ސަޕްނާ ޕްރަދަހަން މައްލާ، މެލޭޝިޔާގެ ފެޑެރަލް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް ޑަޓޯ މޭރީ ލިމް ތިއަމް ސުއަން، ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުގެ ހައިކޯޓު ޑިވިޝަންގެ ފަނޑިޔާރު އޮނަރަބަލް ޖަސްޓިސް ނައިމާ ހައިދަރ، ޖައްމު ކަޝްމީރު އިންޑިއާގެ ހައިކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައިވާ އޮނަރަބަލް ޖަސްޓިސް (ރިޓަޔަރޑް) ގީތާ މިއްޓަލް، ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

 

މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާގައި އަދި ޚާއްޞަކޮށް ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރޭގައި މިންތީގެ ހަމަހަމަކަން އޮތުމުގެ މުޙިއްމުކަމާމެދު މަޝްވަރާކޮށް އެކަމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވިފައިވެއެވެ. އަދި މިހާރު ކުރިއަށްދާ މޯލްޑިވްސް ވިމަން ޖަޖަސް ކޮންފަރެންސް ފަދަ ބައްދަލުވުންތަކަކީ، އެކިއެކި ޤައުމުތަކުގެ ޖުޑީޝަރީ މަސައްކަތްކުރާ ގޮތާއި އަދި ހުރި ގޮންޖެހުންތަކާއި އެކަމަށް ހައްލު ހޯދުމުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމަށް ލިބިގެންދާ ފުރުޞަތެއްކަން ފަނޑިޔާރުންވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ކޮންފަރެންސްތަކުން ފަނޑިޔާރުންގެ ތަޖުރިބާ އެއް ބަޔަކު އަނެއްބަޔަކާ ހިއްސާކުރެވިގެންދާ ދިއުމަކީ، އެއީ ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ލިބޭ ފުރުޞަތެއްކަންވެސްވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި އަދި ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ފަނޑިޔާރުންނާ ހިއްސާ ކުރެވުނެވެ. އަދި، ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް ފަނޑިޔާރުން ވަނީ ބައްލަވާލައްވާފައެވެ.