ސްޕްރީމް ކޯޓުގެ ތަޢާރުފް

ދިވެހިރާއްޖޭގެ ޢަދުލުއިންޞާފުގެ ތާރީޚުގައި އަދި ދީމިޤްރާޠީ ޙަޔާތުގައި 2008 ސެޕްޓެންބަރު 18 ފާހަގަ ކުރެވިގެން ދަނީ ވަރަށް ޚާއްޞަ ދުވަހެއްގެ ގޮތުގައެވެ. އެއީ އެހެނިހެން މިނިވަން ދީމިޤްރާޠީ  މުޖުތަމަޢުތަކުގައި އެންމެ މަތީ ކޯޓުގެ ދައުރު ކަނޑައެޅިފައި ވާ މަފްހޫމާ އެއްގޮތަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދުނު ދުވަހެވެ.

މީލާދީ ސަނަތުން 2008 އޯގަސްޓު 8 ވީ ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގައި ޢަމަލު ކުރާން ފެށި ޤާނޫނުއަސާސީން ދުނިޔޭގެ ހުރިހާ ދީމިޤްރާޠީ މުޖުތަމަޢުތަކުގެ ޖުޑީޝިއަރީތަކޭ އެއްފަދައިން ދިވެހިރާއްޖޭގެ ޖުޑީޝަރީ އަކީ ވެސް މިނިވަންކަމާއި މުސްތަޤިއްލުކަމާ އެކުގައި ހިނގާނެ ޖުޑީޝަރީއެއްކަން ކަނޑައަޅައިފައި ވެއެވެ. ދިވެހިރާއްޖޭގެ ޖުޑީޝަރީއަކީ ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުންގެ މެދުގައި ޢަދުލުވެރިކަމާ އެކު ހަމަހަމަކަމުގެ އުޞޫލުން ކޮންމެ މީހެއްގެ ވެސް އަސާސީ އަދި މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ޤާނޫނު ފިޔަވައި އެއްވެސް ފަރާތަކަށް ބޯ ނުލަނބާ، ހުރިހާ ބާވަތެއްގެ ނުފޫޒުން އެއްކިބާ ވެފައި ވާ އަދި ވަކި ފަރާތަކަށް ނުޖެހޭ މުސްތަޤިއްލު ބާރެއްކަން އައު ޤާނޫނުއަސާސީން ޔަޤީން ކޮށްދިނުމާ، އެކު ޢަދުލުއިންޞާފު ޤާއިމް ކުރުމުގެ ބާރުގެ އެންމެ މަތީ ފަރާތްކަމަށް ކަނޑައަޅައިފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓެވެ.

ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގައި އަދި ޝަރީޢަތުން ބަލާ އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން ކަމަށް ޤާނޫނުއަސާސީގައި ބަޔާން ކޮށްފައި ވެއެވެ. އެހެންކަމުން ޤާނޫނުއަސާސީއާއި ޤާނޫނު މާނަ ކުރުމުގެ އެންމެ އިސް ފަރާތަކީ ސުޕްރީމް ކޯޓެވެ. އަދި ސުޕްރީމް ކޯޓުގެ ދައުރު ކަނޑައެޅިފައި ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުގެ ވެރިކަން ބަލަހައްޓާ ބެލެނިވެރިއްގެ ގޮތުގައެވެ. އެގޮތުން ދައުލަތުގެ އެންމެހައި ބާރުތަކާއި މުއައްސަސާތަކުން ނިންމާ ނިންމުންތައް ހުންނަނީ ޤާނޫނީ އަދި ދުސްތޫރީ އިމުގެ ތެރޭގައި ކަން ނުވަތަ ނޫން ކަން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ އަޞްލީ އިޙްތިޞާޞެކެވެ.

07 އޯގަސްޓް 2008 ވަނަ ދުވަހު ތަސްދީޤު ކުރެވި، 08 އޯގަސްޓު 2008 ގައި ޢަމަލު ކުރާން ފެށި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ދައުލަތުގެ ތިން ބާރު ވަކި ކޮށް ޤާއިމު ކޮށްފައި ވާ އިރު، ޢަދުލުއިންސާފު ޤާއިމު ކުރުމުގެ އެންމެހައި ބާރުތައް މަތި ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި، ހައިކޯޓަށާއި، އަދި ޤާނޫނަކުން އުފައްދާ ދަށުކޯޓުތަކަށެވެ. ޤާނޫނުއަސާސީގެ 141  ވަނަ މާއްދާގައި ޢަދުލުއިންސާފު ޤާއިމް ކުރުމުގެ އެންމެ އިސް ފަރާތަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ކަމަށް ކަނޑައަޅައި ބަޔާންވެފައި ވެއެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެންބަރު 2008 ވަނަ ދުވަހުއެވެ. ޤާނޫނުއަސާސީގެ 282 ވަނަ މާއްދާގެ ދަށުން އެކުލަވައިލެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަން ކުރެވުނީ، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް މުޖުތާޛު ފަހްމީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޔޫސުފު ޙުސައިން، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިންނެވެ.

10  އޮގަސްޓް 2010 ވަނަ ދުވަހު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ޢައްޔަން ކުރެވިފައި ވަނީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙުމަދު ފާއިޒު ޙުސައިން، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާނެވެ.

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2014 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވީ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސް ކުރައްވައި، 11 ޑިސެންބަރު 2014 ވީ ބުރާސްފަތި ދުވަހު ރައީސުލް ޖުމްހޫރިއްޔާ އެ ބިލު ތަޞްދީޤު ކުރައްވައި ހަމަ އެ ތާރީޚުގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެވުމާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ޤާނޫނަށް ގެނެވުނު އިޞްލާޙާ އެއްގޮތަށް 5 (ފަހެއް) ފަނޑިޔާރުން  ކަމުގައި ހަމަޖެހުނެވެ. މި ބަދަލަށް ފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ، އަދި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއެވެ.

އަދި 14 ޑިސެންބަރު 2014 މި ތާރީޚުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޢައްޔަން ކުރެވުނެވެ. މި ބަދަލަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުالله ސަޢީދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދު الله ޢަރީފް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުالله، އަދި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުالله ދީދީއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދު الله ސަޢީދުއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު 2018 ވަނަ އަހަރު ޖޫން 20 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރެވުނެވެ. އަދި 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 06 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓުގައި ތިއްބެވީ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުالله ޢަރީފް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުالله އާއި ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުالله ދީދީއެވެ.

28  ޖޫން 2018 ވަނަ ދުވަހު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމަށް އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ޢައްޔަން ކުރައްވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް، އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެވުނެވެ. މި ބަދަލާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.

2019 ވަނަ އަހަރު، ތަފާތު ސަބަބުތަކާހުރެ ސުޕްރީމް ކޯޓުގެ ބެންޗަށް ވަނީ ތަފާތު ބޮޑެތި ބަދަލުތަކެއް އައިއްސައެވެ. އެގޮތުން، ޤާނޫނު ނަންބަރު 2019/06 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 (ހަތެއް) ފަނޑިޔާރުން ކަމުގައި ހަމަޖެހުނެވެ. އަދި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނެވި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން 28 އޮގަސްޓު 2019 ގައި ވަކިކުރެވުނެވެ. ހަމަ މި އަހަރު، ދިވެހި ތާރީޙުގައި އަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ޢައްޔަންކުރެވިގެންދިޔައެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް 2019 ސެޕްޓެންބަރު 04 ވީ ބުދަ ދުވަހު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު އާއި އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޢައްޔަންކުރެވުނެވެ. މި ބަދަލާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެބެންޗްގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަޤާމަށް 2019 ނޮވެންބަރު 04 ވީ ހޯމަ ދުވަހު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު ޢައްޔަންކުރެވުނެވެ. މި ބަދަލާއެކު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، އަދި އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އެވެ.

އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީއާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ 18 ނޮވެންބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވުނެވެ. އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު 04 ޑިސެންބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެވި،  ފަނޑިޔާރު އޮންރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް 20 ނޮވެންބަރު 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ރިޓަޔަރކުރެއްވުމުން، 08 ޑިސެންބަރު 2019 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރުއާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުން 2019 ޑިސެންބަރު 08 ވީ އާދިއްތަ ދުވަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢައްޔަންކުރެވުނެވެ. ހަމަ މި ދުވަހު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ)ގެ ދަށުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު ޢައްޔަންކުރެއްވުމާ ގުޅިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު ކަމުގައި ކަނޑައެޅިގެންދިޔައެވެ.

ޤާނޫނު ނަންބަރު 2019/6 (ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 (ހަތެއް) ފަނޑިޔާރުން ކަމުގައި ހަމަޖެހިފައިވުމާ ގުޅިގެން، 2020 ސެޕްޓެންބަރު 08 ގައި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އާއި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ޢައްޔަންކުރެވުނެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، ފަނޑިޔާރު އޮނަރަބަލް ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު އޮނަރަބަލް ޑރ. މުޙައްމަދު އިބްރާހީމްއެވެ.