ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ދަޢުވަތަކަށް ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ، 11-12 ފެބުރުވަރީ 2023 އަށް ދިވެހިރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
މި ދަތުރުފުޅުގައި، ޤަޟާއީ އަހަރު 2023 އާ ގުޅިގެން ބޭއްވުނު އެނުއަލް ޖުޑީޝަލް ކޮންފަރެންސްގައި ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި، މި ކޮންފަރެންސްގައި އެ މަނިކުފާނު ވަނީ ތަޤްރީރު ކުރައްވާފައެވެ.
މީގެ އިތުރުން، ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާ މިއަދު ވަނީ ސުޕްރީމް ކޯޓަށް ޒިޔާރަތް ކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރު އާއި ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު އާއި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތަކާއި އަދި ޝަރީޢަތުގެ މަޖިލިސްތައް ކުރިއަށް ގެންދާގޮތުގެ މަޢުލޫމާތު ސްރީލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާއާ ހިއްސާ ކުރެވުނެވެ. އަދި، ޝަރީޢަތްތައް އޮންލައިންކޮށް ކުރިއަށް ގެންދާ ގޮތާ ގުޅޭގޮތުން އޮޅުންފިލުއްވައި އެކަމާ ގުޅޭ އިންތިޒާމްތައް އެ މަނިކުފާނު ބައްލަވައިލެއްވިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް ޝަރުޢީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.